މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް ފަށާފައިވާ މަޝްރޫޢުުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މި މަޝްރޫއު ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށެވެ. އަދި މިއީ ޑިފެންސް މިނިސްޓްރީ އާއި، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި އާރް.ޑީ.ސީ ގުޅިގެން ފަށާފައިވާ މަޝްރޫޢެކެވެ.
މި މަސައްކަތުގެ އަދާހަމަ ހާމަކުރައްވަމުން ޑިފެންސް މިނިސްޓްރީން ވިދާޅުވީ މަސައްކަތަށް ވެސްޓް ޕާކް ސަރަޙައްދުން ކޮނެފައިވާ ތަންތަން އެއްވަރުކޮށް، އަލުން ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
އަދި ކެޗްޕިޓް ބެހެއްޓުމަށްޓަކައި ބޮޑުތަކުރުފާނު މަގުން ކޮނެ، ކެޗްޕިޓް ބެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ނިމިފައިވާކަމަށް ވެސް ޑިފެންސްއިން ވިދާޅުވިއެވެ.
މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިއާއެކު ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކަށް ގެއްލުންވެއެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިއްކަން ފޯރުކޮށްދިނުމާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތައް ކުރިމަތިވެއެވެ.
ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މި ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށުމަށް ވަނީ ނިންމަވާފައެވެ.