ލިޔުނީ: އަހުމަދު ޝަބީން
ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏަކުން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ އެކްސީޕިއެންޓެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ހިމެނޭތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އެލާޓެއްގައި ބުނީ ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ seven stars pharmaceutical co. ltd އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ sorbitol (އެކްސީޕިއެންޓެއް) ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށެވެ. އެގޮތުން ތައިލެންޑުގެ ބޭސް ރެގިއުލޭޓުކުރާ އޮތޯރިޓީިން ބައެއް ބޭސްތައް ރިކޯލްކޮށް އެކަން އެ އޮތޯރިޓީއާ ހިއްސާކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއެފްޑީއޭއިން ނެރުނު އެލާޓުގައި ވަނީ އެ ބޭސްތަކުގެ މައުލޫމާތު ހިމަނައިފައެވެ.
އެމްއެފްޑީއޭއިން ބުނީ seven stars pharmaceutical co. ltd ގެ މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓުކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށެވެ.
”ނަމަވެސް ތައިލެންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.” އެލާޓުގައި އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން އެ އޮތޯރިޓީއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުންދާނެ ކަމަށެވެ.
މިކަމާގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު ކަމަށްވާ 7200321 އިން ލިބޭނެކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.