ފަލަސްޠީނަށް އެހީވުމަށް އދގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން ފައިސާގެ އެހީ 50 ހާސް ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ރާއްޖެއިން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް “އަންރުވާ” އަކީ ޔޫއެންއިން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް އައި ގޮތްޕެކެވެ. މި ފަންޑަށް ރާއްޖެއިން އައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ދެމުންނެވެ.
ޙާރިޖީ ވަޒީރު ވިދާޅުވީ ޔަހޫދީ އިސްރާއިލުން ދެމުންދާ ލާއިންސާނީ ޙަމަލާތަކާއި ގުޅިގެން، މިއަހަރު ރާއްޖެއިން ދޭ އެހީ 10 ގުނަ އިތުރުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.
“ރާއްޖެއިން ދެމުން އަންނަނީ އަހަރަކު 5000 ޑޮލަރު. އެކަމަކު 7 އޮކްޓޯބަރުން ހިންގަމުންދާ އިސްރާއިލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، މިއަހަރު ރާއްޖެއިން އެހީގެ ގޮތުންގައި 50000 ޑޮލަރު ދޭން ވަނީ ނިންމާފައި. އެއީ މިހާރު ދޭ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދު.” ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ މެދެވެރުކޮށް، ޚާރިޖީ ވުޒާރާގެ ބެލުމުގެދަށުންކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދިއުމަށް “ކްރޯ މޯލްޑިވްސް އެލްއެލްބީ” ކިޔާ މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޓެލެތޯންގައި ލިބޭ ފައިސާ، ފަލަސްޠީނަށް ހަވާލުކުރުމުގެ މަސައްކަތް ގެންދާނީ އދގައި އެކަމަށް ޚާއްސަ ފަންޑު މެދުވެރިކޮށް ވަރަށް ދެފުއްފެން ގޮތަށްކަމަށެވެ.
ވަޒީރު ވިދާޅުވީ އަންރުވާއިން މި ފައިސާ ޚަރަދުކުރާނީ، އެހީތެރިވުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަޑުތަކުންކަމަށެވެ. އަދި މިއީ އދއިން ކޮންމެ އަހަރަކު އޮޑިޓްކުރާ ފަންޑެއްކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.