ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު އަލްއުސްތާޒު ޙުސައިން ރިޟާ އާދަމް އިންތިޚާބުކޮށްފިއެވެ.
ޖޭއެސްސީއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު އުސްތާޒު ރިޟާ, އެ ކޮމިޝަނުގެ ރައީސްކަމަށް އިންތިޚާބުކުރީ މިއަދު ކަމަށެވެ.
ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގައި އަމަލު ކުރާނީ، ޖޭއެސްސީގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.
އެގޮތުން ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާނީ އެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޖޭއެސްސީއަކީ ގާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 04 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަގިއްލު ޝަޚްސެކެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް:
ރައްޔިތުންގެ މަޖިލީހުގެ ރައީސް: އަބްދުއްރަޙީމް އަބްދުﷲ
ސްޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެ ކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރު: ފަނޑިޔާރު ޙުސްނުއްސުޢޫދު
ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރު: އަލްއުސްތާޛު މުޙައްމަދު ނިޔާޒް (ކޮމިޝަނުގެ ނައިބު ރައީސް)
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރު: އަލްއުސްތާޛު ޢަލީ ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރު: އަލްއުސްތާޛު ޙުސައިން ރިޟާ އާދަމް (ކޮމިޝަނުގެ ރައީސް)
އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރު: ޑޮކްޓަރ އާމިނަތު އުއްމުކުލްޘޫމް
ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް.މުޙައްމަދު ނާޞިޙް
ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވާ މެންބަރު: އަލްއުސްތާޛު މުޙައްމަދު ސަމީރު
ބަންޑާރަނައިބު: އަލްއުސްތާޛު އަޙްމަދު އުޝާމް
ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލު: އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް
ޖޭއެސްސީ އުފެއްދި މަގުސަދުތަކުގެތެރޭގައި ފަނޑިޔާރުން ލެއްވުން ގާބިލުކަމަށް ބަރޯސާކުރާ، ގާބިލުކަން ކުރިއަރުވާ ފަނޑިޔާރުގެއެއްކަން ޔަގީންކުރުމާއި ފަނޑިޔާރުގޭގައި، އެންމެ މަތީ ދަރަޖާގައި ސުލޫކީ މިންގަނޑާއި ނަޒާހާތްތެރިކަން ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މަސައްކަތުގެ ނަތީޖާ ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކަށައަޅައި ފެންވަރު ރަނގަޅު، ރޭވުންތެރި ޚިދުމަތެއް ފޯރުކޮށްދީ، ގާނޫނުގެ ބާރު ކުރިއެރުވުމުގައި ބައިވެރިވުން ހިމެނެއެވެ.