މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާއެކު ދާއިމީ ހައްލެއް ހޯއްދެވުމުގެ މަސައްކަތްތައްވެސް ކުރައްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދެކުނުގެ ބައެއް އިސް މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ހުރި ދަތިތައް ހައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން މިހާރުވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށާއި އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަމަށެވެ.
އަދި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ހިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވައި، އެގޮތުން ދެކުނުގެ މަސްވެރިކަމުގެ ތަރައްގީއަށް ކުރެވޭ ކަންކަން ކުރިޔަށްގެންދިއުމުގައި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. އަދި މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާއި ގުޅިގެން މަސްތައް ހަލާކުވުމާއި، މީގެ އިތުރުން މަސްބާނާ ސަރަޙައްދުން މަސްކިރަންދާންޖެހޭ ސަރަޙައްދަށް ދިއުމަށް ދިގުދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަޙައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ.