ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ “ފަލަސްޠީނާއެކު ދިވެހިން” ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މިއަދު ހަވީރު 06:00އާ ހަމައަށް އިތުރުކޮށްފިއެވެ.
މި ފަނޑަށް ފައިސާ ބަލައިގަތުމުގެ ވަގުތު އިތުރުކުރުމަށް ނިންމާފައިވަނީ، ފައިސާ ޓްރާންސްފަރ ކުރުމުގައި އިއްޔެ ހަވީރު ދިމާވި މައްސަލަތަކާއި ގުޅިގެން ގިނަ ބަޔަކު ވަގުތު އިތުރުކުރުމަށް އެދިފައިވާތީ އާއި އޭޓީއެމް ނުހުންނަ ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނާ ގުޅިގެން އެއްކުރި ފައިސާ ޖަމާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. އެހެންކަމުން ޓެލެތޯންގެ ލައިވް ކަވަރޭޖް ރޭ 12:00 ޖެހިއިރު ނިންމާލި ނަމަވެސް ފަލަސްޠީނު ފަނޑަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފުރުޞަތު އަދިވެސް އޮންނާނެއެވެ.
މި ފަނޑަށް ރޭ 12:00 ޖެހުމާއި ހަމައަށް 13،133،927ރ. (ތޭރަ މިލިއަން އެއް ލައްކަ ތިރީސް ތިން ހާސް ނުވަސަތޭކަ ހަތަވީސް ރުފިޔާ) ލިބިފައިވެއެވެ. އަދި 33،693.42 ޑޮލަރު ފަނޑަށް ލިބިފައިވާކަން ޕީއެސްއެމުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުންވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 13 ފަންޑު ފޮށީގެ ތެރެއިން ގިނަ ފަނޑުފޮށިތަކުގައި ހުރި ފައިސާ ގުނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގް ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، ފަނޑަށް ފައިސާ ޖަމާކުރަމުން ދިޔައިރު ބައެއް ބައެއް ފަރާތްތަކަށް ޖަމާ ނުކުރެވުނު ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކާއެކު ގިނަ ބައެއްގެ އެދުމުގެ މަތީން ޓެލެތޯންއަށް ހަމަޖައްސާފައިވާ އޮޑިޓް ފަރމްއާ މަޝްވަރާކުރުމަށްފަހު ޓްރާންސްފާ މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ވަގުތު އިތުރުކޮށްދިނީކަމަށެވެ.
ފަލަސްޠީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމުހޫރިއްޔާގެ އިސްނެންގެވުމަށް ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ އެހެން ބައެއް މީޑިއާތަކާއި ގުޅިގެން ބޭއްވި މި ޓެލެތޯނަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެންގޮސްފައެވެ. މި ޓެލެތޯނަށް އެންމެ ގިނަ ފައިސާ ހަދިޔާ ކޮށްފައިވަނީ އެމްއެންއެޑީއެފްގެ ފަރާތުންނެވެ. އެއީ 2 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.
މި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްޠީނަށް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ޚާރިޖީ ވުޒާރާ މެދުވެރިކޮށް ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް “އަންރުވާ” މެދުވެރިކޮށެވެ.



