މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމަކީ ހިތާމަހުރި ކަމެއްކަމަށް މިއަދުގެ ޙުތުބާގައި ބުނެފިއެވެ.
“ލަދުވެތިކަމާއި ޢިއްފަތްތެރިކަން” މި މައުޟޫގެ ދަށުން މިއަދުގެ ޙުތުބާގައިވަނީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން ލަދުވެތިކަމާއި، އިއްފަތްތެރިކަމުގެ ސިފަ ނެތެމުންދާ ތަން ފެންނަކަމަށް ބުނެފައެވެ. އަދި މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހު ހަރަކާތްތެރިވަމުންދާއިރު، މީސްތަކުން އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތި ހިއްސާކުރުމަކީ ހިތާމަހުރިކަމެއްގެ ގޮތުގައި ޙުތުބާގައި ވަނީ ސިފަކޮށްފައެވެ.
އަދި ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަކަމަށްބުނެ، ޙުތުބާގައިވަނީ މި ދެ ސފައިގެ މާނަ ވެސް ސާފުކޮށްދެއްވާފައެވެ.
“ލަދުވެތިކަމަކީ ކޮބައިހެއްޔެވެ؟ ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ، އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުމެވެ. ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުމެވެ.”
މީގެއިތުރުން ލަދުވެތިކަމުގެ މި މާތް ސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ މި ސިފަ ގެންނަވައިފައި ވަނީ އީމާންކަމުގެ ތެރެއިންކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި يُوْسُفُ عَلَيْهِ ٱلسَّلَامُ އަށް ކުރިމަތިކުރެއްވުނު އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތީ އެކަލޭގެފާނުގެ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ސަބަބުންކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.
މި ޙާދިޘާގެ ވާހަކަ ބަޔާންކުރައްވައި ބަސްފުޅުގެ މާނައީ: “އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައިކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [مَعَاذَ اللَّهِ] އެވެ. (އެބަހީ: الله ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓައިފައިވަނީ، މާތް ރަނގަޅު ގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރީން ނުދިންނަވާނެތެވެ.” يُوْسُفُ عَلَيْهِ ٱلسَّلَامُގެ އީމާންކަމާއި، ލަދުވެތިކަމާއި، ޢިއްފަތްތެރިކަން ނިކަން ދެކޭށެވެ! މާތް ﷲ އަޅަމެންނަށް މިފަދަ އީމާންކަމާއި، ޢިއްފަތްތެރިކަމާއި، ތަޤުވާވެރިކަން މިންވަރުކުރައްވާށިއެވެ! އާމީން!
މީގެއިތުރުން ޙުތުބާގައިވަނީ އެ މީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް މާތްﷲ ދެއްވާފައިވަނީ ސުވަރުގޭގެ އުފާވެރި ޙަބަރުކަމަށްވެސް ބުނެފައެވެ.