ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާ ގުޅޭ ގޮތުން އަނެއްކާ ވެސް ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ އެޗްޑީސީން އެ ފުރުސަތު ހުޅުވާލި ކަން ބުނުމަށް ފަހު އެ މެސެޖުގައި އޮންނަނީ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ ލިންކެއް ހިމަނާފައިވާ ކަމަށެވެ.
އަދި އެ ލިންކް މެދުވެރިކޮށް ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓް ހެކްކޮށް ފްރެންޑް ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ މިފަދަ ލިންކްތަކަށް ސަމާލުވާން ފުލުހުން އެދެއެވެ.
“ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ. އިތުރު މައުލޫމާތު އަޅުގަނޑުމެންގެ މި ވެބްސައިޓުން ލިބެން ހުންނާނެ އެވެ.” ސްކޭމް މެސެޖުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ސްކޭމްގެ ތަފާތު މައްސަލަތައް އިތުރުވަމުންދާތީ ފުލުހުންދަނީ މިކަންކަމަށް އިތުރަށް ސަމާލުވުމަށް އިރުޝާދުދެމުންނެވެ.