އައްޑޫގެ މަސްވެރިން ހުޅުމީދޫގައި ހަދާފައިވާ މަސް ފެކްޓްރީގައި ކުރަމުންދާ އިހުތިޖާޖަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ޕީއެންސީގެ ހަރުގެ ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްވަމުން ޝާޑު ވިދާޅުވީ އައްޑޫ މަސްވެރިން މިހާރު ކުރަމުން އަންނަ މުޒާހަރާ އަކީ ވަކި ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ހުއްޓުވައި އެތަނުން ކަރަންޓް ކަނޑައި މުވައްޒަފުންނަށް ދަތިވާ ގޮތަށް ކަންކަން ކުރުމަކީ އެއްގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާޑު ވަނީ ވިދާޅުވެފައެވެ.
ޝާޑު ވިދާޅުވީ، މަސްވެރިންނަށް ޖެހިފައިވާ ތަކުލީފާއި ބިކަ ނިކަމެތި ކަމަކީ މިއަދު ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި 17 އަހރު ހޭދަކުރެއްވިކަން ފާހަގަކުރައްވާއި، ޝާޑުވަނީ ސްވެރިކަމުން އެންމެ ބޮޑު ނަފާއެއް ލިބޭ މީހެއްގެ ހައިސިއްޔަތުން މަސްވެރިންގެ ވިންދާ އިހުސާސް ރަނގަޅަށް އެނގިލައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި މަސްވެރިންނަށް ދޭންް ޖެހޭ ފައިސާ ދޭން މި ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި މަސްވެރިންނާ ދޭތެރޭ ސަރުކާރުން ދެރަ ގޮތެއް ނުހަދާނެ ކަމަށް ޝާޑު ވިދާޅުވިއެވެ.
“ނަމަވެސް ހިތާމައަކީ މަސްވެރިންނަށް ލިބިދޭ ހައްގުތަކުގެ ބޭނުން ކޮށްގެން ގާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށް ހިޔާލާއި ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން އޮތީތީވެ ދިޔަ ގޮތަށް ގޮސް މަސްފެކްޓްރީގެ ކަރަންޓު ކަނޑާލީ. 300 ޓަނު މަސް ރައްކާކޮށްފައި ހުރި ކޮންޓެއިނާއެއް ކަރަންޓު ކަނޑާލީ. އެތަނުގައި ތިބި 40 އަކަށް މުވައްޒަފުން ކައިބޮއި ހަދާތަނުން ކަރަންޓު ކަނޑާލީ. މިއީއެއް ނޫން އިހުތިޖާޖް ކުރުމަކީ. މިއީ ރޭވިގެން ހިންގާ ނުބައި އަޑި ނޭނގޭ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް.” ޝާޑު ވިދާޅުވިއެވެ.
އައްޑޫ މަސްވެރިންނަށް ލިބެން ޖެހޭ ދެ މަހަށް ވުރެ ގިނަ ދުވަހުގެ ފައިސާ ލިބުން ލަސްވާ ކަމަށް ބުނެ މުޒާހަރާ ކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.