މި ދައުލަތް ހިމާޔަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި، އަދި އެ މަނިކުފާނު މިހާރުވެސް ކުރައްވަމުން ދަނީ ޤައުމާއި ދައުލަތް ހިމާޔަތް ކުރެއްވުމުގެ ބުރަ މަސައްކަތް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހުސެއިން ވަނީ ޒާތީ މަންފާ އާއި ޒާތީ ދެކޮޅުވެރިކަން އެއްފަރާތްކޮށް ގައުމުގެ އިޤްތިސާދު ނަގައި ކޮޅަށް ޖެހުމަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުންދާ ބުރަ މަސައްކަތްޕުޅުގައި އެމަނިކުފާނާއި އެކީ މަސައްކަތް ކުރަން ނުކުތުމަށް އިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް ހުރިހާ ސިޔާސީ ލީޑަރުންނަށް މެންބަރު ވަނީ ގޮވާލާފައެވެ.
“މި ގައުމަށް ހެޔޮއެދޭ އެއްވެސް ލީޑަރަކު އެއީ އިދިކޮޅުވިޔަސް އެއީ އެއްކޮޅު ވިޔަސް އެއީ މަތިން ވިޔަސް ތިރިން ވިޔަސް މިއަދު މިގައުމު އިޤްތިސާދީ ގޮތުން އޮތް ހާލަތުން ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ވަފާތެރިކަމާއެކު އެމަނިކުފާނަށް، މި ގައުމު ވެއްޓިފައި މިއޮތް އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި ހެޔޮ ހިތުން ތިމާގެ އަމިއްލަ ޒާތީ މަންފާ އާއި ތިމާގެ ހުރި ޒާތީ ދެކޮޅުވެރިކަމާއި ނޫނީ ތިމާއަށް ލިބެން އޮތް އެއްޗެއް ނުލިބިދާނެ ކަމަށް އޮތް ޝައްކު އެއްފަރާތްކޮށްފައި ނޫނީ، އެ ބޭނުން އެއްފަރާތްކޮށްފައި މި ގައުމުގެ ރައްޔިތުންގެ ހައްޤުގައި ރައީސްއާ އެއްކޮށް މަސައްކަތް ކުރައްވަން ނުކުންނަންވީ.” ހުސައިން ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ހުސެއިން ވަނީ އެމްޑީޕީ ސަރުކާރުން ލޫޓުވާފައިވާ ދައުލަތު ނަގާ ކޮޅަށް ޖަހައި ގައުމުގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ރައީސް ރެޔާދުވާލު ހުއްޓުމެއް ނެތި މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުންދަނީ ވަރުބަލިކަމެއްނެތި ރޭވުންތެރިކަމާއެކުގައި ކަމަށްވެސް ހުސެން ވަނީ ވިދާޅުވެފައެވެ.



