ހަލާކުވެފައި އޮތް އިގްތިސާދު ކޮޅަށް ޖަހަން ވަގުތު ނަގާނެ ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ޗާޕުކޮށްގެން ނޫން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު، އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިޒާރުވަނީ މި ސަރުކާރަކީ ނިމިދިޔަ ސަރުކާރާއި އަޅައި ނުކިޔޭނެ ސަރުކާރެއް ކަމަށާއި މި ސަރުކާރަކީ ރައްޔިތުންނަޓަކައި ރައްޔިތުންގެ މަސައްކަތެއް ކުރަން އޮތް އިހުލާސްތެރި ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.
އަދި އަދި މި ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ޗާޕުކޮށްގެން ނޫން ކަމަށާއި މަސައްކަތް ކުރަނީ ލިބޭ އެއްޗަކުން ކުރިއަށް ދިއުމަށް ކަމަށް ވިދާޅުވި އެވެ.
ނިޒާރުވަނީ މަސްވެރިން ނޫނަސް އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ އަޑުވެސް މި ސަރުކާރުން އަހާނެކަމަށާއި، އެކަމަކަށް ގެނެވެން އޮތް އެންމެ އަވަސް ހައްލެއް ގެންނާނެ ކަމާއި މެދު ވެސް ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ކޮންމެ ކަމަކަށް ބޭނުން ވެފައި ތިބޭއިރު، އެކަމެއް އެ ބޭނުންވާ ގޮތަށް ހަލުވި ސްޕީޑުގައި ކަންކަން ނުވާނެކަ ގަބޫލު ކުރުން ކަމަށް ނިޒާރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކަމަކަށް ބޭނުން ވެގެން އަޅުގަނޑުމެން ތިބޭއިރު، ކޮންމެ ކަމެއް އެއީ އަޅުގަނޑުމެން އެ ބޭނުންވާހާ އެންމެ ހަލުވި ސްޕީޑުގައި އަންނާނެ ކަމެއް ނޫންކަން،” ނިޒާރު ވިދާޅުވި އެވެ. “އަދި އަމުދުން ދިވެހި ރާއްޖޭގެ ހާލަތު މިވަގުތު މިގޮތަށް އޮވެމެ، އަޅުގަނޑުމެން އެންމެން މި ބޭނުންވާ ހުރިހާ ކަންތައްތަކެއް، ވަޒީފާގެ ފުރުސަތުތަކާއި ބޭނުންވާ ހުރިހާ ކަންތައްތަކެއް އޭގެ އެންމެ ފުރަހަމަ ގޮތުގަ އެއްފަހަރާ ކުރެވުން އެއީ ކުރެވޭނެ ކަމެއް ނޫން.”
ރޭގެ ޖަލްސާގައި ނިޒާރުވަނީ ޤައުމު މިހާލަތަށް ވައްޓާލި މީހުން މިއަދު ފާޑުކިޔަމުން ގެންދަނީ އިހްލާސްތެރިކަމެއް އޮވެގެނެއްނޫން ކަމަށްވެސް ވިދާޅުވެފައެވެ.



