ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދޭ ކަރެކްޝަންސް އޮފިސަރުންގެ ނެޓްވޯކުގައި ހިމެނޭ 13 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި ގުޅޭގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މީގެތެރެއިން 9 މީހުން ހައްޔަރު ކުރީ ކ މާފުށިން ކަމަށާއި ކ. ކާށިދޫއިން 2 މީހަކާއި ހއ އުތީމުން 1 އަދި މާލެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ނެޓްވޯރކާއި ގުޅޭގޮތުން މީގެކުރިން ފުލުހުން ވިދާޅުވީ ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޝަރީފު ވިދާޅުވީ އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށެވެ. އެގޮތުން އެއް މުވައްޒަފުގެ އެކައުންޓަށް އެއް އަހަރު ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ހާމަވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



