މީގެފަހުން އެއްވެސް ހާލަތެެއް މެދުވެރިވެގެން ޖަލުގައި ނިޔާވާ ކޮންމެ ގައިދީއަކުވެސް އާއިލާއާ ހަވާލުކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމްއެއް ހެދުމަށް ފަހުގައި ކަމަށް ދާހިލީ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
ދާހިލީ ވަޒީރު އިހުސާނު މިކަން ހާމަކުރެއްވީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަރެކްޝަންސް ގުޅިގެން އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު އިހުސާނު ވިދާޅުވީ މީގެފަހުން ޖަލުގައި ނިޔާވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓްތައް ލިބި މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭ ފެންވަރަށް ތައްޔާރުވެގެން ކަމަށެވެ.
އަދި މީގެފަހުން ކަރެކްޝަނަލް ސާރވިސްއިން އެއްގަޑިއިރު ތެރޭގައި ޖަލުގައި ހުންނަ ކޮންމެ ގައިދީއަކުވެސް ބަލަމުންގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މާފުށީ ޖަލުގައި ނިޔާވި މުޙައްމަދު ޖަމީލުގެ ހަށިގަނޑުން ޖިސްމާނީ އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް ތަޙުގީގަށް ހާމަވެފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، ނިޔާވެފައިވާ މުޙައްމަދު ޖަމީލުގެ ހަށިގަނޑު ބެލި ޑޮކްޓަރުން އޭނާގެ މަރުގެ ސަބަބެއްކަމަށް ނިންމާފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުންވެސް އަދި އިންޓަރނަލް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ޖަލުގައި ހުރި ގައިދީއަކު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯތަކުގައި ހަށިގަނޑުގެ އެކި ތަންތަނަށް ލޭ ކުލަ އަރާފައިވާ މަންޒަރު ފެންނަނީ އެއީ މަރުވުމަށްފަހު އިންސާނާގެ ހަށިގަނޑު ޑީކޮމްޕޯސްވަމުންދާއިރު އާއްމުކޮށްވެސް ފެންނަން ހުންނާނެ ގޮތްކަމަށެވެ. އޭގެ ތަފްސީލު ދެއްވަމުން ފުލުހުން ވިދާޅުވީ އެއީ ހަށިގަނޑުގެ ގުދުރަތީ ލޭ ހިނގުމުގެ ނިޒާމު މީހާ ނިޔާވުމާއެކު ހުއްޓިގެން ދިޔުމުން ލޭތައް ދައުރުވާން ފަށަނީ ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރަށްކަމުން ހަށިގަނޑުގައި ލޭ ޖަމާވަމުންދާނީ އެއްދިމާލަކަށްކަމަށެވެ.
ފުލުހުން ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ މުޙައްމަދު ޖަމީލު ނިޔާވިތާ ގިނަ އިރުތަކެއްވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާއާއި ހަވާލުވިފަހުން ސަހަރާގައި ނަގާފައިވާ ފޮޓޯ ތަކެއްކަމަށެވެ. ފޮޓޯތައް ދައުރުކުރަން ފެށުމާއެކު އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމުއައްސަސާއާއި މެދު ޝައްކު އުފެއްދުމަށް ޖާގަ ނުދިނުމުގެ ގޮތުން އިތުރަށް ބެލުމަށް އޮޓޯޕްސީ ހެދުމަށް އަލުން ހަށިގަނޑު ފުލުހުންނާއި ޙަވާލުކުރުމަށް އެދިފައިވާކަމަށެވެ. އެހެންނަމަވެސް ތަކުރާރުކޮށް ފުލުހުންނާއި ވަޒީރު އަމިއްލަފުޅަށް އެދުމުންވެސް އެގޮތަށް ޢަމަލުކުރަން އާއިލާއިން ދެކޮޅު ހަދާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.



