ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އައި 1800އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވައިލައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިމިހާތަނަށް އެ އިދާރާއިން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަނުގައި ޤަވާއިދާއި ހިލާފުވި 83 ބިދޭސީއަކު އެތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދުގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުން އަންނަ 4 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެންނަކީ ވެސް އެތަންތަނުން އަތުލައިގަތް މީހުންނެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި މާރުކޭޓު ގޮތުގައި ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް އަތުލައިގަތް 83 ބިދޭސީން ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނުނު ކަމަށް އެ ޚިދުމަތުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ހުރިހާ ބިދޭސީންނާ ބެހޭ މައުލޫމާތު އެއްކުރަން މިހާރު އަންނަނީ “ކުރަނގި” ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ.



