ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހޯދުމަށް ގަރާރެއް ހުށަހަޅައި، ބަހުސް ފަށައިފި އެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
މި ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީސްތަކުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިދާރީ ދާއިރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުންދާކަން ފާހަގަކޮށްފަ އެވެ.
ޝުޖާއުގެ ގަރާރުހުށަހަޅުއްވަމުން ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އިދާރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަކުން މެންބަރުންގެ އަދަދު އިތުރުވަމުންދަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ. އަދި އެގޮތަށް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަކީ މަޖިލީހުން ހައްލެއް ހޯދަވަންޖެހޭކަމެއް ކަމަށެވެ.
އަދި އާންމުކޮށް ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެކުރިންވެސް މަޝްވަރާ ކުރަމުން އައިސްފައިވާ ކަމަށް ޝުޖާއު ވިދާޅުވެފައި ވެއެވެ.
މެންބަރުންގެ އަދަދު މަދުކުރުން ނުވަތަ ވަކި އަދަދެއްގައި ހިފެހެއްޓުމަށްަޓަކައި، ޤާނޫނުއަސާސީއަށް މުހިންމު އިސްލާހެއް އަންނަންޖެހޭ ކަމަށް މިއަދު ހުށަހެޅި ގަރާރުގައި ބުނެފައިވެއެވެ.



