މަޖިލީހުގެ މެމްބަރުންނާއި ގުޅޭ ނިންމުންތައް ނިންމުމަށް އިލްމީ ދިރާސާއެއް ކުރުން މުހިއްމުކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ފާތުމަތު ސައުދާ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރުން މަދުކުރުމަށް ބާރަށު ދާއިިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ސައުދާވަނީ އެ ގަރާރު މިވަގުތަށް ވަރަށް މުހިއްމު ކަމަށާއި، އަދި ގަރާރަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން މަޖިލިސް މެމްބަރުންނާއި ގުޅޭ ކަންކަން ނިންމުމުގެ ކުރިން ބައިނަލްއަޤްވާމީ ގޮތުން ގެންގުޅޭ ފޯމިއުލާތައް ބެލުމަށް ތާއީދު ކުރައްވާކަމަށް ސައުދާވަނީ ވިދާޅުވެފައެވެ. ސައުދާ އިތުރަށްވަނީ މިފަދަ ފޯމިއުލާއަކީ ރާއްޖެއަށް އެޕްލައި ކުރެވޭނެ ފޯމިއުލާއެއްތޯ ބެލުންވެސް މުހިއްމުކަމަށް ވިދާޅުވެފައެވެ.
އަދި ސައުދާވަނީ މިފަދަ ނިންމުންތައް ނިންމުމުގެ ކުރިން އިލްމީ ދިރާސާއެއް ކުރުމުގެ ހިޔާލު ހުށަހަޅުއްވާފައެވެ. އިލްމީީ ދިރާސާއާއި އެކު އާންމުންގެ ހިޔާލުވެސް ހޯދުން މުހިއްމުކަމަށް ސައުދާ ވިދާޅުވެފައި ވެއެވެ.
“މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ފަރާތުން ވެސް ރާއްޖޭގެ ނެޝަނަލް ޔުނިވަސިޓީ އާއި ގުޅިގެން ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނައުމުގެ ކުރިން އެބޭފުޅުން ރިސާޗެއް އެބަ ހަދަމުން ގެންދަވާ. ހަމައެގޮތަށް އަޅުގަނޑުމެންނަށްވެސް ޔުނިވަސިޓީ ނޫނީ ބެރުގެ ފަންނީ ލަފާގެ ހޯދައިގެން ނަމަވެސް މިކަހަލަ އިލްމީ ދިރާސާއެއް ކުރުން މުހިއްމުކަމަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން.” ސައުދާ ވިދާޅުވެފައި ވެއެވެ.
ސައުދާ ވަނީ އިލްމީ ދިރާސާއެއްގެ ސަބަބުން މެމްބަރުންގެ މައްސަލައަށްް ދާއިމީ ހައްލެއްލިބި، ދައުލަތާއި ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބޭނެކަމަށް ވިދާޅުވެފައެވެ.