ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓް ހިނގީ ހެނދުނު 8:13 ހާއިރު ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރު ކައިރިން ކަމަށެވެ.
އެކްސިޑެންޓް ހިނގީ އެ ޓަވަރު ކައިރިން ކާރަކާއި ސައިކަލެއް ޖެހި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް އެހެން ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން ކަމަށެވެ.
އަދި އެއީ 19 އަހަރުގެ ދިވެހި ޒުވާނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ 19 އަހަރުގެ މީހާގެ އަތުގައި ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިއަދު ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 9:45 ހާއިރު އަހިވާގޮފި ކައިރީގައި ދެ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.
އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި ދެ މީހުނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެތަނުން އެއް ސައިކަލު ދުއްވީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައިވެސް ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.
އަނެއް ސައިކަލު ދުއްވީ 33 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.



