ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖެ އަށް ޣައްދާރުވެފައި ކަމަށާއި އޭނާ ހައްޔަރުކޮށް މައްސަލަ ޝަރީއަތަށް ފޮނުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
އަމީރު ފިނޭންސް މިނިސްޓަރު ކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، އޭނާއަކީ ވޭތުވެދިޔަ ތިން ދައުރުގައި ވެސް މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެއް މެމްބަރު ކަމަށެވެ. މިދިޔަ 19 ވަނަ މަޖިލިހުގައި މާލިއްޔަތު ކޮމިޓީ އަށް އަމީރު ވަޑައިގެންނެވުމުން “ތިވަރަށް ދަރަނި ނުނަގަން” އެދިވަޑައިގެން އާދޭސް ދެންނެވި ނަމަވެސް “ބޭނުން ވަރަކަށް ދަރަނި” ނަގާނެ ކަމަށް އަމީރު ވިދާޅުވެ ގޮންޖައްސަވާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، އަވަށްޓެރި ސްރީލަންކާގައި ގައުމަށް ޣައްދާރުވި މީހުންނާ ދޭތެރޭގައި އެ ގައުމުގެ ސަރުކާރުން އެޅި ހަމައެކަނި ފިޔަވަޅަކީ ޖޫރިމަނާއެއް ކުރުން ކަމަށެވެ. އެކަމަކު، ރާއްޖޭގައި ޖޫރިމަނާކޮށްލައިގެން ނިންމާލަން ނުވާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ގައުމަށް ޣައްދާރުވާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ތަކުރާރުކޮށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރައްޔިތުން 20 ވަނަ މަޖިލިހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީ އަށް ދިނީ ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކަމަށާއި އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީ އަށް ބަދަލު ގެނެސް “ތަޅު އަޅުވައިގެން” ނޫނީ އެމްޑީޕީ މީހުން “މަތަ” ނުކުރެވޭނެ ކަމުގައި ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވި ގޮތުގައި ގާނޫނުތަކަކީ ވަރަށް މަދު މެމްބަރެއްގެ ވޯޓުން ވެސް ބަދަލުކޮށްލެވިދާނެ ކަންކަމެވެ. އެކަމަކު، ގާނޫނުއަސާސީ ބަދަލުކުރަން ބޭނުންވެއްޖެ ނަމަ، މަޖިލިހުގެ ސުޕަ މެޖޯރިޓީ ބޭނުންވާނެ ކަން ސަލީމް ފާހަގަ ކުރެއްވިއެވެ.



