ސައިބަކްރައިމާ ގުޅުންހުރި އަމަލުތައް ޖިނާއީ ކުށްކަމުގައި ކަނޑައެޅުމަށް އިސްލާހު ހުށަހަޅައިފިއެވެ.
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޟާ ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ޤާނޫނުލްއުގޫބާތަށް އިސްލާހު ހުށަަހަޅާފައިވަނީ، ސައިބަކްރައިމާއި ގުޅުންހުރި އަމަލުތައް އެއީ ކުށްކަމުގައި ކަނޑައެޅުމަށެވެ. އެގޮތުން ސައިބާ ކްރައިމްއާ ގުޅޭ 10 ކަމެއް ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސަސްވުމާއި އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން، ކުށަކަށް ހެދުން ހިމެނެ އެވެ.
އަދި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން، ސައިބަވަޔަލަންސްގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް އަދި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްޤުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ކުށް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހުށަހަޅާފައިވެއެވެ.



