ސަރުކާރުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ދަރަނީގެ ބިލު ބަލައިގަނެ، ތިން ދުވަހުގެ ބަހުސަކަށް ފަހު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
ދަރަނީގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުގެ ތެރޭގައި ހިމެނޭ ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ވަނީ ހުށަހެޅީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ.
އާދީއްތަ ދުވަހު ބިލު ހުށަހަޅުއްވަމުން މަމްދޫހު ވަނީ ދައުލަތުގެ ދަރަނި ބެލެހެއްޓުމަކީ ބިލުގެ މައިގަނޑު މަގްސަދު ކަމަށް ވިދާޅުވެފައެވެ.
ތިން ދުވަހުގެ ބަހުސަކަށް ފަހު ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ބަލައިގަތީ ހާޒިރުވެ ތިއްބެވި 78 މެމްބަރުންގެ އިއްތިފާގުންނެވެ. އެއަށްފަހު މިހާރު ވަނީ މާލިއްޔަތު ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައެވެ.
ދަރަނީގެ ބިލުގައި ހިމެނެނީ ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތާއި، ލޯނު ތައް މެނޭޖްކުރުމުގައި އަމަލުކުރާނެ ގޮތާއި، ދައުލަތުގެ ދަރަންޏާ ގުޅޭ ތަފްސީލް ހާމަކުރުމާއި ރިޕޯޓް ކުރުމުގައި އަމަލުކުރާނެ ގޮތުގެ އިތުރުން ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކަށް ސޮވެރިން ގެރެންޓީ ދިނުމާ ބެހޭ އުސޫލެވެ.
މި ބިލު ފާސްކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑެބްޓް މެނޭޖްމަންޓް އޮފީހެއް ގާއިމުކުރަން ޖެހެ އެވެ. އެއަށްފަހު ފިނޭންސް މިނިސްޓަރާ ޙަވާލުކުރައްވާފައިވާ ދައުލަތުގެ ދަރަނި ބެލެހެއްޓުމާ ގުޅޭ އެންމެހައި މަސްއޫލިއްޔަތުތައް ބަލަހައްޓާނީ މި އޮފީހުންނެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ގާނޫނީ ޒިންމާތަކާއި މުވައްޒަފުން، މި ބިލަށް އަމަލުކުރަން ފެށުމުގެ ކުރިން މި އާ ޑެބްޓް މެނޭޖްމަންޓް އޮފީހަށް ބަދަލުކުރަން ޖެހެ އެވެ.
މި ބިލް ހުށަހަޅުއްވަމުން މަހްމްދޫހު ވިދާޅުވީ ގައުމުގެ އިގްތިސާދު ދިގު މުއްދަތަކަށް ދެމެހެއްޓުމަކީ ބިލުގެ އިތުރު މަގްސަދެއް ކަމަށެވެ. އަދި ލޯނު ނެގުމުގެ ކުރިން ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލަށް ކުރާނެ އަސަރު ދެނެގަތުމަށް މި ބިލުގެ ސަބަބުން މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.



