ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ “ފަލަސްތީނާ އެކު ދިވެހިން” ޓެލެތޯން ހަރަކާތުން ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
ޕީއެސްއެމުން މި ޓެލެތޯން މެދުވެރިކޮށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާއިރު، އެ ހުރިހާ ފައިސާއެއް ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް އެހީގެ ފައިސާ ހަވާލުކޮށްދެއްވާފަ އެވެ.
އޭގެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ ޓެލެތޯން މެދުވެރިކޮށް ޖުމްލަ 19،186،851.50 ރުފިޔާ ހޯދިފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ އެއްބާރުލުމާއެކު މި ޓެލެތޯނުން ލިބުނު ފައިސާ ގުނުމުގެ ކަންކަން ބެލެހެއްޓެވީ މިނިވަން އޮޑިޓަރ ކްރޯ މޯލްޑިވްސް އިންނެވެ.
ކްރޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ މި ހަރަކާތް މުޅިން ރިވިއުކޮށްފައިވާ ކަމަށާއި މުޅި ޕްރޮސެސް އަކީ ދެފުށް ފެންނަ އަދި ސައްހަ ޕްރޮސެސްއެއް ކަމަށެވެ.
މިޓެލެތޯނަށް ލިބުނު ފައިސާގެ ތެރެއިން 15،495،613.31 ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި 37919 ޑޮލަރުވެސް ލިބިފައިވެއެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ބެހެއްޓި ފަންޑު ފޮށިތަކަށް 1،417،549.93 ރުފިޔާ ލިބިފައިވާއިރު 11،768 ޑޮލަރުވެސް ފަންޑުފޮށިތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގެ ތެރޭގައިވެސް 1،505،759 މިލިޔަން ރުފިޔާއާއި 113 ޑޮލަރު ލިބިފައިވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި ޓެލެތޯނަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމެއް ކަމަށެވެ.



