ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހާމަކުރާނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް، މެންބަރުކަމުގެ ހުވާކުރާތާ އެއް އަހަރު ފަހުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން މި ކަން ފާހަގަ ކުރީ، ހާމަކަން ބޮޑު ދައުލަތެއް ހިންގުމަށް ވަކާލާތު ކުރާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މެންބަރުންގެ މާލީ ބަޔާންތައް ހާމަ ކުރުމަށް ގޮވާލާފައިވަނިކޮށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 68 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަންވާނީ، އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފުރިހަމަ ވުމުންން ކަމަށެވެ.
އެހެން ކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ އަންނަ އަހަރުގެ މޭ 28 ވަނަ ދުވަހަށް އެއް އަހަރުފުރުމަށްފަހު، އަންނަ އަހަރުގެ އޯގަސްޓް 31 ގެ ކުރިންކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މާލީ ބަޔާން ހާމަކުރުމަށް ގޮވާލާފައިވަނީ މިހާރު ޢަމަލުކުރަމުންދާ އުސޫލު ރަނގަޅަށް ނޭނގިކަމަށް އެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން 19 ވަނަ މަޖިލީހުގެ މެންބަރުންގެ ފާއިތުވި 4 އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށާއި، އެ މެންބަރުންގެ 5 ވަނަ އަހަރުގެ މާލީ ބަޔާން އެ މެންބަރުން ހުށަހަޅުއްވާނީ މި އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިންކަމަށް ވެސް ބުނެފައިވެއެވެ.



