ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައްް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ގެޒެޓްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓްކުރި ލިޔުމުގައި ވާގޮތުން ޖުމްލަ 25 ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
ހޯލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި
ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް
ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)
ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޙިދުމަތްތައް
ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
ލޭންޑްސްކޭޕިންގ މަސައްކަތް
ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް
ޤާނޫނީ ވަކީލުންގެ ހިދުމަތްތައް
ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން
ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް
މައިނިންގ އޮފް ސޭންޑް
ފޮރެސްޓްރީ
އިކޮނޮމިކް މިނިސްޓްރީން މި އިއުލާން ނެރެފައި މިވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޤަވާއިދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދާ ޑީޕޯޓުކުރަމުންދާ ދަނޑިވަޅެއްގައެވެ.



