މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ ތިން އަންހެނެކެވެ. އެއީ 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނެކެވެ.
ފުލުހުން ދަނީ މި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ބިދޭސީ ދެ އަންހެނަކު ހައްޔަރުކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެ ރޭ ޓާސްކް ފޯރސް އިން ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.



