އެނަރޖީ ޑްރިންކް، އެއްގަމު އުޅަނދު އަދި ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް ދެމުންދިޔަ އިނާޔަތްތައް އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑާލާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒް ވަނީ އޯގަސްޓު މަހުން ފެށިގެން ކަސްޓަމްސްއިން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.
އޭގެތެރެއިން އެއް ބަދަލަކީ ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން އިނާޔަތް އެއްކޮށް ކަނޑާލުމެވެ. އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕްކުރަން ގެންގުޅޭ ސާމާނާއި އެނާޖީ ޑްރިންކާއި އެއްގަމު އުޅަނދުފަހަރު ހިމެނެއެވެ.
ނިޔާޒު ވަނީ ކުރީގައި މި އެލަވަންސް އެންމެ ބޮޑަށް ބޭނުން ކުރަމުންދިޔަ އެއް ދާއިރާއަކީ އެއްގަމު އުޅަނދާއި ސައިކަލުކަމަށް ވިދާޅުވެފައެވެ. އަދި މި ބަދަލާއެކު ދެން އެ ދާއިރާއަށް އެލަވަންސް ލިބިގެން ނުދާނެކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑުމެންގެ މަގްސަދަކީ މާލެ ސަރަހައްދާއި، ރާއްޖޭގައި ވެސް މިއޮތް ކޮންޖެސްްޝަނާއި ތިމާވެއްޓަށް ނުރައްކާވުމަށް ހުރި ފުރުސަތުތައް ކުޑަކުރުން.” ނިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ނިޔާޒު ވަނީ ރާއްޖެއިން ސިއްހަތާ ގުޅުންހުރި ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި، ދުންފަތުގެ ބާވަތްތަކަށް އިސްތިސްނާއެއް ދިނުމަށް އެ މުއާހަދާތަކުގައި ބާރުނާޅާ ކަމަށް ވިދާޅުވެފައެވެ. އެހެންވެ އަންނަ މަހުން ފެށިގެން ދުންފަތުގެ ބާވަތްތަކަށް ދެމުން ދިޔަ އިނާޔަތް ކަނޑާލަން ނިންމީ ކަމަށް ވިދާޅުވިއެވެ.
ވުމާއެކު ދަތުރުވެރިން ރާއްޖޭގައި ތިބެގެން އެފަދަ ބާވަތްތަކަށް އޯޑަރުކުރިޔަސް، ނުވަތަ ފޮށި އެތެރެކުރިޔަސް އަންނަ މަހުން ފެށިގެން ޑިއުޓީ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ބަދަލެއްގެ ގޮތުގައި ނިޔާޒު ފާހަގަކުރެއްވީ، އަމިއްލަ ފަރާތްތަކުން ގެންނަ މުދަލަށް މުދާ ބޭރުކުރުމާއި އެތެރެކުރުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަނޑައަޅާފައިވާ ޑިއުޓީގެ އަދަދު މަތިކުރުމެވެ.
އެގޮތުން، މި މަހުން ފެށިގެން ޑިއުޓީ މައާފްވާ މިންވަރު 10 ހާސް ރުފިޔާއަށް ބޮޑުކުރަން ކަސްޓަމުން ނިންމާފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.