ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުމަކީ ދައުލަތުގެ ހަރަދު ކުޑަކުރަން މުހިންމު ކަމެއް ކަމަށާއި މަޖިލީހުގެ މެމްބަރުންގެ ދެން އަންނަ ދައުރަކަށް މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވަން ޖެހޭ ކަމަށެވެ.
އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދުގެ ގޮތުގައި އެންމެ ރަނގަޅު އަދަދަކީ 77 ކަމަށެވެ. އެއީ 2009 ވަނަ އަހަރު އާގާނޫނު އަސާސީގެ ދަށުން ފުރަތަމަ އިންތިހާބު ކުރި މަޖިލީހުގެ މެންބަރުންގެ އަދަދެވެ.
މީގެއިތުރުން ރައީސް ވަނީ ރާއްޖޭގެ ކައުންސިލްތައް ކުޑަކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކުދިކުދި ރަށްތަކުގައި ކައުންސިލަރުންގެ ގޮތުގައި ރައީސްއަކާއި ނައިބު ރައީސުން ތިބުމުން ފުދޭނެ ކަމަށެވެ. އަދި އާބާދީ ބޮޑެތި ރަށްތަކަށް އެއަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބު ކުރުން ރަނގަޅު ކަމަށެވެ.