ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ޖެހޭ ކަމަށާއި އެކަމަށް މަގުފަހި ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންތިހާބުތައް ބާއްވަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ހިޔާލާ މަޝްވަރާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ ގައުމުގެ ރައްޔިތުންނަށް އޭގެ މަންފާ ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 125 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ.
“ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން އެބަޖެހޭ. އޭރުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އެފައިސާ އިން ކުޑަ ރަށެއްގެ ރައްޔިތުން ދާއިމަށް ބޮޑު ރަށަކަށް ބަދަލުކުރުން ކަމަށް ވީނަމަވެސް އެކަން ކުރެވޭނެ. މިދެއިންތިހާބު އެއްކޮށް ބާއްވާނަމަ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަ ވާނެ.” ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަން ކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހޭކަމަށާއި، އެކަމަށް ރައްޔިތުން ތާއީދު ކުރާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.