މީގެ އިތުރުން، ސަރުކާރުން އުފައްދަވާފައި ހުރި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަށްވެސް ޤާނޫނީ އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެކަން އެމަނިކުފާނު ވަނީ މިރޭ ހާމަކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާވެސް ހޯދަންޖެހޭކަމަށެވެ. އެގޮތުން، ކޮރަޕްޝަންގެ އަމަލު ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ހަޤީޤީ އިޚްލާސްތެރި ގޮތެއްގައި ބަލައި އެ އެސެޓްތައް ރިކަވަރ ކުރެވެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި އެސެޓް ރިކަވަރީ ޤާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި މިހުރިހާ ކަމަކުން ރާއްޖޭގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރެވި، އެކަމުގެ އުފާ ފާގަތިކަން ރައްޔިތުންނަށް ލިބޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.