ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބޭ މުއްދަތު އިތުރުކުރަން ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ ޕީއެންސީ މެމްބަރު ފާތުމަތު ސައުދާއެވެ.
މި އިސްލާހު ހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުން ހިމެނެ އެވެ.
ކޮޕީ ރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވަމުން ސައުދާ ވިދާޅުވީ، އިލްމީ އަދި ފަންނީ މަސައްކަތުގެ ޒަރީއާއިން އުފެއްދުމެއް އުފެއްދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އަދި އެތައް ވަގުތަކާއި އެތައް ކަމެއް ޤުރުބާންކޮށް އިލްމާއި ހުނަރު އަދި ފަންނުވެރިންގެ އުފެއްދުމަކީ ވަރަށް އަގުހުރި އަދި އަގުބޮޑު މަސައްކަތެއް ކަން ސައުދާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ ސަބަބުން އުފެއްދުންތައް މިއަދު ދައުރުވެގެންދާ ގޮތާއިމެދު ވިސްނާލަން ޖެހޭ ކަމަށް ސައުދާ ވަނީ ވިދާޅުވެފައެވެ.
ކޮޕީރައިޓް ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އަޑުގެ ރިކޯޑިންތަކާއި ސެޓްލައިޓް، އިންޓަނެޓް އަދި ކޭބަލް މެދުވެރިކޮށް ކުރެވޭ ބްރޯޑްކާސްޓް ހިމެނެ އެވެ. އަދިކޮޕީރައިޓުގެ ހައްގެއް ރަޖިސްޓަރީކުރާ މީހުންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުންވެސް ހިމެނެ އެވެ.