ސްކޭމްގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށްވެސް 500 އަށްވުރެ ގިނަ އެކައުންޓް ބެންކުން ބްލޮކް ކޮށްފައިވާކަމަށް ދިވެހިންގެ ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.
ދާދިފަހުން ހިންގާފައިވާ ފައިސާގެ ބޮޑު ދެ ސްކޭމެއްގެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ ހިިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޮންސްގެ ހެޑް، އިންސްޕެކްޓަރ އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި ގިނަ ބައެއްގެ ބޭންކް އެކައުންޓުތައް ހިމެނޭތީ މި އަހަރުން ފެށިގެން ބެންކުންވެސް ސްކޭމްގެ މައްސަލަތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށެވެ.
އެގޮތުން އެއް ސްކޭމަށްވުރެ ގިނަ ސްކޭމެއްގައި އެކައުންޓެއް ބޭނުންކުރާ ނަމަ ބޭންކުން އެ އެކައުންޓެއް ބްލޮކް ކުރާކަމަށް ނަވީދު ވިދާޅުވެފައި ވެއެވެ.
ނަވީދު ވިދާޅުވީ ބޭންކުގެ މި ފިޔަވަޅުތަކާއި ގުޅިގެން އަހަރުގެ މިހާތަނަށް 500 އަށްވުރެ ގިނަ އެކައުންޓު ބޭންކުން ބްލޮކް ކޮށްފައިވާކަމަށެވެ.
އަދި އެންމެ ފަހުގެ ސްކޭމް ބޮޑު ދެ މައްސަލާގައި ބޭނުންކޮށްފައިވަނީ މުޅިން ޢާ އެކައުންޓުތަކެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.