ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެތެރެއިން، 3 ބިދޭސީން ގުޅިގެން ހިންގަމުންދިޔަ ކެފޭއެއް ބަންދުކޮށް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އޮޕްރޭޝަންގައި މާލޭގައި ކެފޭއާއި ޓޭކްއަވޭ ވިޔަފާރިކުރަމުންދާ ތަންތަން ބަލާފައިވާކަމަށެވެ. އެގޮތުން 4 ތަނެއް ބަލާ ފާސް ކުރިއިރު، ޤަވައިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު ބިދޭސީ 6 ފިރިހެނަކާއި، އަންހެނެއް ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މީގެތެރެއިން 3 ބިދޭސީއަކު އެކުވެގެން ހިންގަމުންދިޔަ ކެފޭއެއްވެސް ވަނީ ބަންދުކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ ހައްޔަރުކުރި ބިދޭސީންގެތެރޭގައި، އިމިގްރޭޝަންގެ ވެހިކަލަކަށް ގެއްލުންދިނުމުގެ ސަބަބުން ހައްޔަރުކުރި އެކަކު ހިމެނޭކަމަށެވެ.
މި އޮޕަރޭޝަންގެ މަސައްކަތްތައް މާރުކޭޓުތަކާއި މާލެ ތެރޭގައި ހުރި ވިޔަފާރިކުރާ އެކިއެކި ތަންތަން އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނަށް ޢަމާޒުކޮށްގެން ދަނީ ހިންގަމުންނެވެ. މިހާތަނަށް 130އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.



