ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން މިނިވަންކަން ލިބިދީފައި އޮތް ނަމަވެސް، މީހުންގެ ހައްގުތައް ރައްކާތެރިކޮށް އަބުރު ރައްކާތެރި ކުރުމުގެ ވާހަކަ ވެސް ގާނޫނުގައި ބަޔާން ކުރާކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާރިފް ވަނީ ކަށި ނެތް ދުލެއް އޮތީމަ ކޮންމެ މީހަކަށްވެސް ބޭނުންހާ އެއްޗެއް ކިޔޭނެކަމަށާއި، އެހެންކަމަވެސް ގާނޫނުއަސާސީން އެކަމަށް ތަނެއް ނުދޭކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގެ ހައްގެއް ލިބިގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ ސިޔާސީ ޕާޓީތަކެއް އުފައްދައި ފިކުރެއް ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި ގޯހެއް ނެތްކަމަށާއި ގާނޫނުން އެ މަސައްކަތަށް އޮތީ ތަންދީފައި ކަމަށެވެ. ނަމަވެސް އެކަން ވެސް ކުރަން ޖެހޭނީ، ހަމަޖެހޭ އުސޫލެއްގެ ތެރެއިން އިހުލާސްތެރިކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސިޔާސީ ގޮތުން ބައެއްގެ ފަހަތުން ދުވެ މައްސަލައެއް ބަލަން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވިދާޅުވި ނަމަވެސް އެފަދަ ކުންފުނިތަކުގެ ވެރިން ދިން ގެއްލުންތައް މުވައްސަސާތަކުން ނުބަލަންވީ ކީއްވެގެން ތޯ ވިދާޅުވެ ސުވާލު އުފައްދަވަމުން އާރިފް ވަނީ ވުޖޫދުގައި ނެތް ޕްރޮޖެކްޓުތަކަށް ވެސް ކޮންޓްރެކްޓަށް މުވައްޒަފުން ނަގައި ކުންފުނިތަކުން ފައިސާ ހަރަދު ކުރިކަން ފެންނާން އެބަހުރިކަމަށް ވިދާޅުވެފައެވެ.
އަދި ކުންފުނިތަކުން ކުރީ އިސްރާފުކަމަށް ބުނެ އާދައިގެ ބަހެއް ބޭނުން ކުރުމުގެ ބޭނުމެއް ނެތްކަމަށާއި އެއީ ދައުލަތަށް ހިޔާނާތްވެ ކުރި ވައްކަންތައްކަމަށް އާރިފް ވިދާޅުވިއެވެ.