ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލާން ނިންމީ އެމަނިކުފާނު ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމި ނިންމުމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވިދާޅުވީ، ބޭބެ ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުއްޓާ ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަތުމުން ކަމަށެވެ. އެއީ ސުޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރުމުގެ އެންމެ މޭސްތިރިއަކަށް ހުންނެވުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، މައުމޫނު ހައްޔަރު ކުރުމުގެ މައްސަލަ އިސްވެ ކޮމިޓީއަށް ހުށަހެޅުއްވީވެސް އެމަނިކުފާނު ނޫން ކަމަށާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މުހިންމު ދާއިރާތަކުގެ ވަޒީރުންގެ އިތުރުން އެމްއެންޑީއެފްގެ ޗީފާއި ވައިސް ޗީފް ތިއްބަވާނެ ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ، ކިތަންމެ ގާތް އަރިސްމީހެއްނަމަވެސް ދައުލަތުގެ ހައްގަށް އަރައިގަންނަ ހިސާބަށް ދިއުމުން އެވަގުތު ދައުލަތް ހިންގަން ހުންނަ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.