ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ހަބީބް އަބްދުއްރަޙީމް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް މިދިޔަ ޖޫން މަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވެވި އިސްމާޢީލް ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން، ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްގެ މަގާމު ޙަބީބު ވަނީ ފުރުއްވާފައެވެ.
އީސީގެ ނައިބު ރައީސްކަމުގައި ހަބީބް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވަނީ ދެ ދައުރެއްގައެވެ. އެހެންވެ، ގާނޫނު ބުނާ ގޮތަށް އޭނާއަށް އިތުރު ދައުރެއް އަދައެއް ނުކުރެއްވެއެވެ.
މަޖިލީހުން ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ޙަބީބު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވާފައެވެ.



