މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަލީ ހާޝިމަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ދިން ދެވަނަ ފުރުސަތުގައި ވެސް ވަޑައިނުގަތުމުން ފަހު ފުރުސަތު ދިނުމަށް އެ ކޮމިޓީން ނިންމައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވެސް ގަވަރުނަރު ހާޒިރުވެފައި ނުވާއިރު، އެމްއެމްއޭއިން ސަރުކާރަށް ލަފާ ނާރުވާ ކަމަށް ބުނެ، ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލައިގައި ޖަވާބުދާރީވުމަށް ގަވަރުނަރަށް ފުރުސަތު ދިނީ އިއްޔެއެވެ. އެހެން ނަމަވެސް ބަލިވެ އުޅުއްވާތީ ކޮމިޓިއަށް ހާޒިރުވުމުގެ ބަދަލުގައި ގަވަރުނަރު ވަނީ ލިޔުމުން ޖަވާބުދާރީވެފައެވެ.
މިއަދުވެސް އެ މައްސަލަ އެޖެންޑާކޮށް، މާލިއްޔަތު ކޮމިޓީން 11:00އަށް ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް މިއަދު ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެވެން ނެތް ކަމަށް މަޖިލީހަށް އަންގާފައިވެއެވެ. އެ ވާހަކަ ހިއްސާކުރައްވާ އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހެއްގެ ސަލާމެއްގައި ހުންނެވި ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮމެޓީއަށް ހާޒިރުވުމަށް އަދި އެއް ފުރުސަތު ގަވަރުނަަރަށް ދިނުމަށް ގާސިމް ވަނީ ހުށަހަޅާފައެވެ.
އެ ހުށަހެޅުން ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް، މާދަމާ 11:00 ގަވަނަރުނަރު ކޮމެޓީއަށް ހާޒިރުވާން އެންގުމަށް ނިންމާފައިވެއެވެ.
އިއްޔެ ގަވަރުނަރު ފޮނުވި ޖަވާބުގައި ވިދާޅުވީ، އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެމްއެމްއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދަށް ދިމާވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާ އެކީ ކުރިމަތިލައި އިގްތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނަނުދީ ރައްކާތެރި ދިމާލަކަށް ވާސިލްވެވޭނެ ގޮތްތައް ޔަގީން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގަވަރުނަރު މަގާމުން ވަކިކުރުމަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަމުންދާ ދަރަނި މެނޭޖު ކުރުމާއި ފިކްސަލް ޒިންމާގެ ބިލުގެ ބަހުސްގައި ގަވަނަރު ޒިންމާ އަދާނުކުރާކަން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިންނެވެ. ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ، ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.