މާލޭގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ފޮހުމުގެ ކެމްޕެއިނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މިއީ ކުށުން އެއްކިބާވެފައިވާ، ރައްކާތެރި މުޖުތަމައެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެ މަސައްކަތަކީ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ގޭންގު ކުށް ހުއްޓުވުމަށް ޚާއްސަ ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ މަޤްޞަދަކީ އާންމުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ފެންނަން އެކަށީގެންނުވާ ލިޔުންތަކާއި ކުރެހުންތައް އާންމު ތަންތަނުން ފޮހުން ކަމުގައި ފުލުހުން ބުންޏެވެ.
މި ކެމްޕޭން ކުރިއަށްދާނީ މާލޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ބައިބަޔަށް ބަހާލައިގެންނެވެ.