މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރުގެ މަގާމަށް އަލީ ހާޝިމް ގާބިލު ނޫންކަމަށް ނިންމައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން އެމައްސަލަ ދިރާސާކުރުމަށް އެކޮމިޓީއަށް ފޮނުވުމުން، ޖަވާބުދާރީ ވުމުގެ ފުރުޞަތު ގަވަރަނަރަށް ދެއްވުމަށްފަހުގައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އެކަމަށް ގަވަނަރުގެ ހައިސިއްޔަތުން ހާޝިމްގެ ފަރާތުން ދޭން ޖެހޭ އެއްވެސް ލަފައެއް އަދި އިރުޝާދެއް އަރުވާފައި ނުވާތީ މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
މިއަދު ބޭއްވި މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީ މުޤައްރިރު މާމިގިލީ ދައިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، މިމައްސަލައިގައި ޖަވާބުދާރީ ވުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއަށް ތިން ފަހަރު މަތިން ފުރުޞަތު ދެވިފައިވާ ކަމަށެވެ. މިމައްސަލާގައި އެންމެ ފަހުން ގަވަރުނަރު ލިޔުމުން ދެއްވާފައިވާ ޖަވާބުގެ އިތުރަށް އިތުރު ކަމެއް މެންބަރުން ސާފު ކުރަން ބޭނުންވާނަމަ ލިއުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ވަނީ އަންގާފައެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް މެމްބަރުންގެ ތާއީދު، އެ ހުށަހެޅުމަށް ލިބި ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.



