ކަރަންޓު ބިލް ބޮޑުވެގެންދާ ދިޔުމަކީ ދިވެހި އެތައް ރައްޔިތުންތަކެއް ކަންބޮޑުވާ ކަމެއް ކަމަށާއި، މި ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލެއް ހޯދައިދޭނެކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ކޮންމެ މަހަކު ރައްޔިތުންނަށް ލިބޭ ކަރަންޓު ބިލު ބޮޑުވަމުން ދާތީ، އެ މައްސަލަ ބަލަން ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަފުޅުދައްކަވަމުން ހުސައިން ޝަރީފް ވަނީ ބިލް ބޮޑުވާ މައްސަލައިގައި ސްޓެލްކޯއިން ސާވޭއެއް ކުރަމުންދާ ކަމަށާއި، ހޫނު މޫސުމުގައި އާންމުކޮށް ބިލް ބޮޑުވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ހުސައިން ޝަރީފް ނިސްބަތްވާ ހުޅުމާލޭ އުތުރު ދާއިރާގެ ކަރަންޓު ބިލްތައް ބޮޑުވާ މައްސަލައިގައި ސްޓެލްކޯ މެދުވެރިކޮށް ބެލިބެލުމުން ހުޅުމާލޭގައި އިމާރާތް ކުރެވިފައި ހުންނަ ގޮތުން އޭސީތަކުގެ އައުޓްޑޯ ޔުނިޓްތައް އެއް ދިމާލެއްގައި ހަރުކުރެވޭގޮތަށް ހުރުމުން، އޭސީތައް ބޭނުން ކުރަމުންދާ ވަގުތު އެތަނުގެ ފިނިހޫނުމިން އެއް މިނެއްގައި ހިފެއްޓިފައި ހުންނަކަން ފާހަގަކުރެވުނުކަމަށް ހުސައިން ޝަރީފްް ވިދާޅުވިއެވެ.
އަދި އޭގެ ސަބަބުން އޭސީތަކަށް ލިބެންޖެހޭ ފިނިމިން ނުލިބުމުގެ ސަބަބުން އެތަންތަނުގެ ކަރަންޓު ބިލް ބޮޑުވެގެންދާކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުސައިން ޝަރީފް ވަނީ ކަރަންޓު ބިލް ކުޑަކުރެވޭނެ ގޮތްތައް ކިޔައިދީ ސްޓެލްކޯ އަދި ފެނަކައިން ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ވެސް މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.



