ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.
ޔޫއެންއޯޑީސީއިން ހަދިޔާކުރި ޑްރޯންތައް ހަވާލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ޑޮރޯންތައް ބޭނުންކުރުމަށް ނިންމާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް ޑިވިޝަނުންނެވެ.
ޑްރޯން ހަދިޔާކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ޑްރޯންތަކާއެކު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުންކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.
އަދި މި ޑްރޯންތަކާއެކު ކޯސްޓް ގާޑުން ހިންގާ އޮޕަރޭޝަންތަކުގައި މެރިން ޕޮލިހަށްވެސް އެހީތެރިވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑްރޯންތަކާ ހަވާލުވުމަށް އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. އަދި ޔޫއެންޑީއޯސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ.
ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ 2 ޑްރޯނެވެ. މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.



