ކިޔަވައިގެން ތިބޭ މީހުންނަށް ސަރުކާރުގެ މުސާރަ ބޮޑު މަގާމުތައް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުން ފެށިގެން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމަށް ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ މުސާރަ ނުލިބޭތީ، ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ ދިވެހިން އެބަތިބި ކަމަށާއި އެކަން ބަދަލު ކުރަން ސަރުކާރުން ސިޔާސަތުތަކެއް ގެންގުޅޭ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ރާއްޖެ އަށް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި މީހުން ބޭނުންވާ ކަމަށާއި ކިޔަވައިގެން ތިބޭ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ލިބޭ ވަޒީފާ ދޭން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
“އެކި ދާއިރާތަކުން ކިޔަވައިގެން ތިބޭ ދިވެހިންނަށް ސަރުކާރުގެ ތެރެއިން ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ބައްޓަން ކުރަން 200 މިލިއަން ރުފިޔާ ކަނޑައަޅާނަން. ނަތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓަރަށް ވުރެ ރަނގަޅު މުސާރައެއް ސަރުކާރުން ލިބޭނެ. ރާއްޖެ އިން ބޭރުގައި ތިބޭކަށް ނުޖެހޭނެ.” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމަށް ޚިދުމަތްކޮށް ދިނުމަށް ގިނަ ދާއިރާތައް ދިވެހިންނަށް ޚާއްސަކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަން އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށް އޮތް 4 ނުވަތަ 5 އަހަރު ތެރޭ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



