އައިޑީކާޑު ޚިދުމަތްތަކަށް ޚާއްސަކޮށްގެން ‘ނާރެސް ޕޯޓަލް’ ރޭ ލޯންޗުކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ޕޯޓަލް މެދުވެރިކޮށް ރަށްރަށުގައި އަމިއްލައަށް އޮންލައިންކޮށް އައިޑީ ކާޑަށް އެޕްލައި ނުކުރެވޭ ފަރާތްތަކަށް ރަށްރަށުގައި ތިބެގެން ފަސޭހަ ކަމާއެކު އެޕްލައި ކުރެވޭނެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން ބުނީ މި ޕޯޓަލްގެ ސަބަބުން އައިޑީކާޑު ޚިދުމަތްތަކަށް ކައުންސިލްތަކަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި ނާރެސް ޕޯޓަލަށް ކައުންސިލްތައް ހޭލުންތެރިކުރުމަށް މާދަމާ ބައްދަލުވުމެއް ބާއްވާ ކަމަށާއި އެ ބައްދަލުވުމުގައި ޕޯޓަލް ބޭނުން ކުރާނެ ގޮތާއި ނާރެސް ބޭނުންގެން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އާ ވާހަކަދައްކާނެ ގޮތްތަކަށް އަހުވެރިކުރެވޭނެ ބުނެފައި ވެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައި ގަތުމަށް ހިދުމަތް ލިބިގެންދާނެ ކަމަށެެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، އީފާސް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން ޕޯޓަލަށް ލޮގިންކުރަން ފެށުމުން އުމުރުން ދުވަސްވީ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތާއި ހަވާލުވިއިރު، އައިޑީކާޑުގެ ސްޓޭޓަސް ނޭނގިގެން ގާތްގަނޑަކަށް 3348 އައިޑީކާޑު ޕެންޑިންގައި، ޕްރިންޓު ނުކުރެވިފައި އޮތް ކަމަށާއި، ނަމަވެސް، މިހާރު ޕެންޑިން 24 ގަޑިއިރަށް ވުރެ ގިނައިރު އައިޑީކާޑެއް ނޯންނާނެ ކަމަށް މިނިސްޓަރު ފަހަގަކުރެއްވިއެވެ.



