ގަވައިދާއި ހިލާފަށް، އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށް ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރަނގި“ ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކޮށްފި އެވެ.
އޮޕަރޭޝަން ކުރަނގި ފޭސް-2 އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި އޮޕަރޭޝަން ފުޅާ ކޮށްފައި ވަނީ ކައުންސިލްތަކުގެ އެހީގައި ބިދޭސީންގެ މައުލޫމާތުތައް ނަގާ ގޮތަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ ”އޮޕަރޭޝަން ކުރަނގި“ މާލެ އަތޮޅު ހިންމަފުށީގައި ހިންގައި 705 ބިދޭސީންގެ މަޢުލޫމާތު ވަނީ ނަގާފަ އެވެ. އެއީ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ މައުލޫމާތުތައް އެއްކުރަން ފެށި ރަށެވެ. އެއަށް ފަހު ދެވަނައަށް ޕްރޮގްރާމް ކުރިޔަށް ގެންދިޔަ މާފުށިން 1076 ބިދޭސީންގެ މައުލޫމާތު ނެގި އެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ހޯމް މިިނިސްޓްރީން ބުނެއެވެ. މިގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ އިނގިލީގެ ނިޝާަން ނެގުމުން، އެ ބިދޭސީ މީހާާ ވަޒީފާ އަދާ ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ކަށަވަރު ކުރާނެ ކަަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ގާއިމުކުރުމަކީ ހޯމް މިނިސްޓްރީ، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވި، އަތް ނުފޯރާ ފަށަށް ދިޔައީ ރައީސް ވިދާޅުވި ގޮތުގައި ކުރީގައި މިކަމަށް މާބޮޑު ސަމާލުކަމެއް އަދި އަޅާލުމެއް ނުދެވި އޮތުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު ކުރެވޭ މަސައްކަތުގެ ތެރެއިން، މައުލޫމާތުތައް އެއް ކުރެވި އުންމީދަކީ އޮޕަރޭޝަނަށް ކާމިޔާބު ލިބިގެން ދިއުންކަމަށް ވިދާޅުވި އެވެ.



