ދިވެހި ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ހިދުމަތުން އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ހިމެނީ ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3 ގެ އިތުރުން ސީނިއާ ސާޖަންޓް ގްރޭޑް 1 އާއި 2 އެވެ. މި މަގާމުތަކުގެ އަސާސީ މުސާރަ އުޅެނީ 15،500-26،500ރ. އާ ދެމެދު އެވެ.
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއް ކަމުގައިވުމާއި، އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހަކަށްވުމާއެކު, ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވާން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. ނަމަވެސް ފޯމުހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެެންވަރާއި، ތަޖުރިބާއަށް ރިޢާޔަތްކޮށް އިސްކޮޅު ހަމަނުވިކަމުގައި ވީނަމަވެސް ފޯމު ބަލައިގަނެވޭނެ ކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ. އެޕްލިކޭޝަން ފޯމް ފުލުހުިންގެ ވެބްސައިޓް www.police.gov.mv އިން ލިބޭނެ އެވެ.



