ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ސިޔާސަތުތަކެއް އެކުލަވާލައި އަމަަލުކުރަން ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.
ސަރުކާރުން ބުނެފައިވަނީ ބަލްކް ޕްރޮކިއުމެންޓަކީ ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫޠލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔާކޮށް ރާއްޖެއަށް ގެނައުމަށް ފަށާ ޕްރޮޖެކްޓެއް ކަމަށެވެ.
ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ހައްލެއް ނެތި ބޮއްސުންލާފައިވާ ޒަމާންވީ މައްސަލަ ހައްލު ކުރުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
އެ ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރަން ހުއްދަދީފައިވަނީ އަދި ކުރިއަށް އޮތް ތަނުގައި ހުއްދަދޭނީވެސް ޑަބްލިއުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓަރި އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވުމާއެކު، ޔޫއެންޑީޕީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ކޮލިޓީ މިންގަނޑުތަކަށް ފާސްވެފައިވާ ޕްރޮޑަކްޓްތަކެވެ.
ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ސިޔާސަތުތައް އެކުލަވާލުމާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ ރާއްޖޭގެ ރައްޔިތުންނަށް މިފަދަ ނިޒާމެއްގެ ތެރެއިން ކލިޓީ ރަނގަޅު ބޭސް ބޭނުންވެފައިވާތާ ވަރަށް ގިނަ ދުވަސް ވެފައިވާކަމަށެވެ.
އަދި އިއްޔެއަކީ ރައީސްގެ ސިޔާސަތުގެ ތަންފީޒް ކުރުމަށްޓަކައި މުހިއްމު މަސައްކަތެއް ފެށުނު ދުވަހެއްކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.



