ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިއްޔެ މާލެ އާއި ހުޅުމާލޭ އިން 2 ބިދޭސީން ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ހާމަކުރިގޮތުގައި އިއްޔެ މާލޭގެ ދެ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެތަނުން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
“އިމިގްރޭޝަން ވޮޗް” އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރި ތަނުގައި ގަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން ރޭ ހުޅުމާލޭގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ‘ކުރަނގި’ ނަމުގައި ސަރުކާރުން ބިދޭސީން ގަވައިދަށް ފެއްތުމުގެ އޮޕަރޭޝަނެއް ފަށާފައި ވަނީ މިދިޔަ މޭ މަހުގައެވެ. މި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ފިންގަޕްރިންޓާއި ފޭޝަލް ރިގޮކްނިޝަން ނެގުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މި އޮޕަރޭޝަންގެ ދަށުން ކ. ހިންމަފުށްޓާއި އެ އަތޮޅުގެ މާފުށީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް، ހޯމްލޭންޑް މިނިސްޓްރީން ބުނެއެވެ.



