ވިޔަފާރީގެ ބޭނުމަށް ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލޭގައި ހުރޮ ކެފޭތަކާއި ޓޭކްއަވޭ ތަންތަނުން ދުވާރުތަކާއި ހެޖްތަކުގައި ތިބެވޭނެ ގޮތް ހަދާފައި ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އެޗްޑީސީން ބުނީ މިކަމުގެ ސަބަބުން އާންމުންގެ ދަތުރުފަތުރަށް ހުރަސް އެޅުމުގެ އިތުރުން ސްކޫލްތައް ކައިރީގައި ދުންފަތުގެ އިސްތިއުމާލު ުރުމުގެ ސަބަބުން ކުދިންނަށް އަސަރުކުރުމާއި، އާންމު ތަންތަނުގައި ނުރަނގަޅު އަމަލުތައް ހިންގާތީ އެކަމުގެ ކަންބޮޑުވުން ވެސް އުފެދޭ ކަމަށެވެ. މިކަންކަމާ ގުޅިގެން ބެލެނިވެރިންނާއި ސްކޫލްތަކުގެ ގިނަ ޝަކުވާތަކެއް އެ ކޯޕަރޭޝަނަށް ލިބެމުންދާކަމަށް ބުނެފައިވެއެވެ.
ބަޔާނުގައި އެޗްޑީސީން ތަކުރާރުކޮށް ބުނެފައި ވަނީ ކޮމާޝަލް ސީޓިންއަށް ދުވާރު އަދި ހެޖް ފަދަ އާންމު ސަރަހައްދުތައް ބޭނުން ކުރުމަކީ ހަރުކަށިކޮށް މަނާ ކަމެއް ކަމަށެވެ. އަދި މި ޤަވާއިދުތަކަށް ބޯލަނބައި، ޢާންމުންނަށް ވަނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ރަށްވެހިންނަށް އުނދަގޫވާ ފަދަ މޭޒުތަކާއި ގޮނޑިތައް ވަގުތުން ނެގުމަށް ވިޔަފާރިވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޑީސީން މީގެ ކުރިންވެސް ވަނީ ހުޅުމާލޭގައި އާންމު ތަންތަން ބޭނުންކުރުމާ ގުޅޭ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފަ އެވެ. އަދި ހުރިހާ ރައްޔިތުންގެ ދުޅަހެޔޮކަމާއި ލުއިފަސޭހަކަމަށްޓަކައި އަމާންކަމާއިއެކު މަގުތައް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެ ކޯޕަރޭޝަނުން ދަނީ ބާރުއަޅަމުންނެވެ.




ހިޔެއްނުވޭ ތިކަން ވެދާނެހެންނެއް.