ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން އަހަރުގެ މިހާތަނަށް 1 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯ އިން ބުނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2,009,843ރ. މިދިޔަ އާދިއްތަ ދުވަހު ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރ 17 އިން ފެށިގެން އިއްޔެއާ ހަމައަށް ނަގުދު ފައިސާގެ ގޮތުގައި 853،177،412ރ ވަނީ ޖަމާކޮށްދީފައެވެ.
މިފްކޯއިން މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައިވަނީ، މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ 53 މިލިއަން ރުފިޔާއެވެ. އަދި މި މަހު އެކަނިވެސް މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން ބުނިގޮތުގައި މިހާރު ބެކްލޮގްގައި އޮތީ، 319،632 ރުފިޔާ އެވެ.
މިފްކޯއިން މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މަސް ގަންނަމުން އަންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު އުޅޭ މިންވަރަށް ބަލައިގެންނެވެ.