މާލެ ސަރަހައްދުގައި ވެމްކޯއިން ކުނި ނަގަމުންދާ ގަޑިތަކަށާ، މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.
މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާހުކުރި “މާލެ ފަހި” ޕްރޮގްރާމްގައި ވާ ގޮތުން، ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލު ކުރާނެ އެވެ.
އެގޮތުން އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ނިންމާފައިވާއިރު، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މިކަން އެއްކޮށް ތަންފީޒުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދުގައި މުދާ އުފުލާ ގަޑިތައް ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ ވެސް ބަދަލު ކުރި އެވެ. އޭރު ވަރަށް ގިނަ ބަޔަކަށް ބޮޑު ލުޔެއް ލިބުނަސް އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިސް އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.
ސަރުކާރުން ބުނީ މިހާރު އޮންނަ ގޮތުން ކުނި ނެގުމާ، މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ސްކޫލް ގަޑިތަކާއި އޮފީސް ގަޑިތަކުގައި ވެސް މާލޭގެ މަގުތައް އޮންނަނީ ވެހިކަލްތަކުން ތޮއްޖެހިފައިކަމަށެވެ. އެހެންކަމުން ކަމާއި ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި އެކު ވަކި ސައިޒަކަށްވުރެ ބޮޑެތި ވެހިކަލްތައް ބޭނުންކޮށްގެން މުދާ އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާގޮތަށެވެ.



