ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި ހުއްދަ ނުނަގާ އިމާރާތްކުރުމުގެ މަސައްކަތްތައް ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮފިއެވެ.
އެޗްޑީސީން ބުނީ މިހާރަކަށް އައިސް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު، އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި ގޯތިތެރޭގެ މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާކަން ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސްކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެ ކޯޕަރޭޝަނުން ނަގަންޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އަދި އެކަމަކީ ހުޅުމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއްކަން ވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެހެންކަމުން، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ހަދަން ފެށުމުގެ ކުރިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް ތަކުރާރުކޮށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބިންތައް ބޭނުންކުރަމުންދާ ފަރާތްތަކާމެދު، ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޯޕަރޭޝަނުން އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.



