ބްރިޖުން ޓޯލް ފީ ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ‘މާލެ ފެހި’ ނަމުގައި ރޭ އިފުތިތާހުކުރި ޕްލޭންގެ ދަށުން ބުރިޖުން ދަތުރުކުރާ މީހުންގެ އަތުން ޓޯލް ފީއެއް ނެގުމާ މެދު ދިރާސާއެއް ހަދަން ވަނީ ހިމަނައިފައެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރޭ އިޢުލާން ކުރެވުނު “މާލެފަހި” ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.
އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އައިނަމަވެސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިންނާ، އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.
“ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ޙައްލުވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤުތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެކަމުގެ ޔަޤީންކަން އަރުވަން،” އެ މަނިކުފާނު ވިދާޅުވިއެވެ.
ރޭ އިފުތިތާހު ކުރި މާލެ ފަހި ޕްލޭންގެ ދަށުން މާލޭސިޓީ ކައުންސިލުން ވަނީ، އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ވެސް ފަށާފައެވެ.



